ރާއްޖޭގައި އިޒުރޭލުގެ ޕާސްޕޯޓު މަނާކުރަނީ

ރައީސް ޑރ. މުޢިއްޒުގެ އެންގެވުމުގެ މަތިން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެ ނުވެވޭ ގޮތަށް ހަމަޖެއްސުމައްޓަކައި ގާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލިހަށް ފޮނުވުމަށް ވަޒީރުންގެ މަޖިލިހުން މިއަދު ނިންމައިފިއެވެ.

ރައީސް އޮޮފީހުގައި މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވި ގޮތުގައި، މިކަން ކުރުމަށްޓަކައި ވަޒީރުންގެ މަޖިލިހުގައި ކޮމެޓީއެއްވެސް ވަނީ އެކުލަވާލައިފައެވެ. މިކޮމެޓީގައި ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދާއި އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހިމެނި ވަޑައިގަންނަވައެވެ.

ހައްދު ފަހަނައެޅި އިޒުރޭލުން، ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ހިންގަމުންދާ ޤަތުލު އާންމާއި ދެކޮޅަށް ދިވެހިރާއްޖޭގެ ރައްޔިތުން އަޑުއުފުލަމުން ގެންދާއިރު، އެގައުމުގެ ޕާސްޕޯޓު މަނާ ކުރުމަށްވެސް ރައްޔިތުން އަންނަނީ ގޮވާލަމުންނެއެވެ. ރައްޔިތުންގެ އަޑުއަހައި އަދުގެ ސަރުކާރުން އިޒުރޭލާއި ދެކޮޅަށް މިއަދު މި އެޅުއްވީ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ލިޔުން ހިއްސާކޮށްލުމަށް