ޔޫޓިއުބްގައި އެންމެ ގިނަ މީހުން ސަބްސްކުރައިބްކުރި ޗެނަލަކަށް މިސްޓަރ ބީސްޓް ވެއްޖެއެވެ. އެމެރިކާގެ ޔޫޓިއުބަރެއް ކަމަށްވާ ޖިމީ ޑޮނާލްޑްސަން، އާންމު ނަމުން ނަމަ މިސްޓަރ ބީސްޓް މި ރިކޯޑު ގާއިމުކުރީ އިންޑިޔާގެ މިއުޒިކު ކުންފުންޏެއް ކަމަށްވާ ޓީ-ސީރީޒް ފަހަތަށް ޖައްސާލުމަށް ފަހުއެވެ.
ޖިމީ ވަނީ މިކަން އޭނަގެ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކޮށްފައެވެ. ޖިމީގެ އެކައުންޓުގައި 268 މިލިޔަން ސަބްސްކުރައިބަރުން ތިބި އިރު، ޓީ-ސީރީޒްގެ އެކައުންޓުގައި ތިބީ 266 މިލިޔަން ސަބްސްކުރައިބަރުންނެއެވެ. ޖިމީގެ މި ފާހަގަ ކޮށްލެވޭ ކާމިޔާބީއަށް އެންމެ ފުރަތަމަ މަރުހަބާކީ މީހެއްގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު މަހުޖަނު އިލޮން މަސްކް ހިމެނެއެވެ.
26 އަހަރުގެ ޒުވާން ޖިމީ ފާހަގަކޮށްލެވެނީ ވަރަށް ތަފާތު ވީޑިޔޯ ހަދާ މީހެއްގެ ގޮތުގައިއެވެ. އާންމުގޮތެއްގައި އޭނަގެ ވީޑިއޯ ތަކުގައި އެކި މީހުން ލައްވާ ތަފާތު ޗެލެންޖިންގ ގޭމުތަށް ކުޅުވައި އެމީހުންނަށް ވަރަށް ގިނަ އަދަދުން ފައިސާދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫޓިޔުބަކީ މެދުވެރިކޮށް ވަރަށް ގިނަބަޔަކު އޭގެން ބޮޑެތި އަދަދުތަކުން ރުފިޔާ ހޯދާ ވަރަށް އާންމު ޕުލެޓްފޯމެކެއެވެ. ދިވެހިރާއްޖޭގައި ޔޫޓިޔުބުން އާމްދަނީއެއް ހޯދާމީހުން މަދު ނަމަވެސް، ޔޫޓިޔުބަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެޕްލިކޭޝަނެއްކަން ފާހަގަ ކޮށްލެވެއެވެ.