އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ޢަރަފާތް ދުވަހެއެވެ. އަރަފާތް ދުވަހަކީ އެދުވަހެއްގައި މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގަންނަވާނެކަމަށް އައިސްފައިވާ ދުވަހެއެވެ. މިވަރުންވެސް މި ދުވަހުގެ މާތްކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.
ޢަރަފާތް ދުވަހު ކުރެވޭ ދުޢާއަކީ އެންމެ މާތް އަދި އެންމެ މޮޅުއިތުރު ވެގެންވާ ދުޢާއެވެ. އަދި މި ދުވަހަކީ ނަރަކައިން އެންމެ ގިނަމީހުން މުއްތި ކުރެވޭނެ ވެސް ދުވަހެއެވެ. މީގެއިތުރުން މި ދުވަހު ހިފާ ރޯދަ އަކީ އިސްވެދިޔަ އަހަރާއި ކުރިޔަށް އޮތް އަހަރުގެ ފާފަތަކުގެ ކައްފާރާއެކެއެވެ.
އެހެންކަމުން މިހާ މާތް ދުވަހެއްގެ ބޭނުން އަޅުގަނޑުމެން ކޮންމެހެންވެސް އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ މަސައްކަތް ކުރަންވާނެއެވެ. މަސައްކަތުގެ މާހައުލުން ކުޑަ ބްރޭކެއް ނަގައިލައިގެން ނަމަވެސް ދުވަހުގެ ތާވަލުގެ ގިނަވަގުތު ހެޔޮ އަމަލު ކުރުމުގައްޔާއި އަޅުކަން ކުރުމުގައި ހޭދަކޮށްލާށެއެވެ.