ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު އަރުވައިފި!

ޒުވާން ޚަޠީބުން އުފެއްދުމުގެ މަޤުސަދުގައި އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ’ޒުވާން ޚަޠީބުން’ ޕްރޮގުރާމުގެ ދެވަނަ ބެޗުގައި 209 ދަރިވަރުން ޚަޠީބުކަމުގެ ސަނަދު ހާސިލު ކޮށްފިއެވެ.

ތަމްރީނު ހާސިލުކުރި ދަރިވަރުންނަށް ޚަޠީބު ކަމުގެ ސަނަދު ހަވާލު ކޮށްފައި ވަނީ އިސްލާމީ މަރުކަޒުގައި މިއަދު މިކަމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙަންމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި މިއީ ރައީސް ޑރ މުޙަންމަދު މުޢިއްޒުގެ އިރުޝާދާއި އެކު ކުރިޔަށް ގެންދާ ޕްރޮގުރާމެކެއެވެ. އަދި މި ޕްރޮގުރާމުން މިހާތަނަށް 300 އަށްވުރެ ގިނަ ޚަތީބުން ތަމްރީނު ކޮށްފައިވާއިރު އަމާޒަކީ މި ދައުރު ތެރޭގައި މި އަދަރު 1000 އަށް މަތިކުރުން ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ޒުވާން ޚަޠީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި، ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ 3 ވަނަ ބެޗު ވަރަށް އަވަހަށް ފެއްޓުމަށް ނިންމާފައި ވާކަމަށް މި ރަސްމިއްޔާތުގައި ވަނީ ވިދާޅުވެފައެވެ.

ލިޔުން ހިއްސާކޮށްލުމަށް