ނޫސްވެރިކަމަކީ ނުވަތަ ނޫސްވެރިންނަކީ ދިވެހިރާއްޖޭގެ އެންމެ ބާރުގަދަ އެއްބައެކޭ ބުނުމަކީ ހަމަ ގައިމުވެސް ދޮގަކަށް ނުވާނެއެވެ. ސިޔާސީ ބޮޑެތި މަޤާމުތަކުގައި ތިބި ބައެއް ވެރިންނަށް ވުރެވެސް، ނޫސްވެރިންގެ ބާރު މިވަނީ ގަދަވެފައެވެ. މީސްމީޑިއާ އާއި ޓެކްނޮލޮޖީ އާންމުވެ ކުރިއަރާފައިވާ މިޒަމާނުގައި، މީޑިއާގެ ބާރު ދުވަހެއް ދުވަހަކަށްވުރެ ދާނީ ގަދަވަމުންނެއެވެ
ދިވެހިންނަކީ މީސްމީޑިއާ އާއި އޮންލައިން ނޫސް މަޖައްލާތަކާ ވަރަށް ރައްޓެހި ބައެކެއެވެ. އެންމެ ކުޑަކުުއްޖަާއިން ފެށިގެންގޮސް އެންމެ މުސްކުޅި މީހާވެސް މި ވަސީލަތްތަކަށް ފަރިތައެވެ. ނަތީޖާއެއްގެ ގޮތުން ޙަބަރެއް ނުވަތަ ވާހަކައެއް މުޅި މުޖުތަމަޢުގެ ތެރެއަށް ފަތުރާލުމަށް މި ނަގަނީ މަދު މިނެޓުކޮޅެކެއެވެ.
ޙަބަރު ފަތުރާ ފަރާތްތަކަކީ މިހާ ބާރުގަދަ ބަޔަަކަށް ވީ ހިނދު، ލިބިފައިވާ ބާރުގެ ބޭނުން ކުރެވެނީ އޭގެ އެންމެ އެދެވޭ ގޮތުގައިތޯއެވެ؟ އެޅިފައިވާ ބޮޑު ޒިންމާ، އަދާ ކުރެވެނީ އެންމެ ރަނގަޅަށްތޯއެވެ؟
ނަމަވެސް، ފެންނަމުން މިދަނީ ވަަރަށް ހިތާމަހުރި މަންޒަރުތަކެކެއެވެ. ރައްޔިތުންނަށް ކަންކަމުގެ ދޮގާއި ތެދު ހާމަކުރުމުގެ ބަދަލުގައި، ގިނަ ބައެއް ނޫސް މަޖައްލާތައް ފެންނަނީ ސިޔާސީ ބައެއްގެ ގޮތުގައެވެ. އެއްބަޔަކު އެއިރެއްގައި އޮންނަ ސަރުކާރަކާއި އެކްކޮޅަށް ޙަބަރު ލިޔާއިރު، އަނެއްބަޔަކު މިގެނެސްދެނީ ސަރުކާރާއި މުޅިންވެސް އިދިކޮޅު ޙަބަރުތަކެއެވެ. ސަރުކާރު ތަމްސީލުކުރާ ސިޔާސީ ޕާޓީ ތަކާއި އިދިކޮޅު ސިޔާސީޕާޓީތައް ހަރަކާތެރިވާ ބީދައިންނެއެވެ.
މިކަމުގެ ހިތިނަތީޖާ އަކީ، ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެދި، ބައި ބައިވުން އިންތިހާއަށްް އިތުރުވެގެން ދިއުމެއެވެ. ކަންކަމުގެ ތެދު ހަޤީގަތް އޮޅުން ބޮޅުންވެ ދިއުމެއެވެ. އާދައިގެ ރައްޔިތުމީހާއަށް ކަންކަމުގައި “އެގަހުކޭލެއް، މިގަހުކޭލެއް” ވަކިނުވާ ހިސާބަަށް ދިޔުމެއެވެ.
ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެބަޔަކު ހިތުހުރި އެއްޗެއް ލިޔަމުން ގެންދަނީއެވެ. ޤައުމާއި، ރައްޔިތުންގެ މަސްލަޙަތަށްވުރެ މުހިންމުވަނީ ނޫހުގެ ނުވަތަ މަޖައްލާގެ މަޤުބޫލުކަމެއެވެ. ކޮންމެވެސް މޮޅު ގޮތަކަށް ސުރުޙީ އަޅާލައިގެންނަމަވެސް، ބޭނުންވަނީ މީހުންލައްވާ އެ ކިޔުއްވުމަށެއެވެ. ސަމާލުކަން އިތުރުކުރުމަށެއެވެ. އަސްލު ކަމުގެ ހަޤީގަތް އޮޅުވާލައިގެން ކަމުގައި ވީ ނަމަވެސް ފަރުވާލެއްނެތެއެވެ.
ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެކަން ހުދު އަޅުގަނޑުވެސް ޤަބޫލުކުރަމެއެވެ. އަދި، ނޫސްވެރިކަން ކުރަނީ ވިޔަފާރިއެއްގެ ގޮތުގައިކަންވެސް ޤަބޫލުކުރަމެއެވެ. ނަމަވެސް މިއައްވުރެ ޒިންމާދާރު އަދި ދެމެހެއްޓެނިވި ގޮތަކަށް ނޫސްވެރިކަން ކޮއްގެންވެސް، ނޫހުގެ މަޤުބޫލުކަން އިތުރުކުރެވޭނެއެވެ. އަދި ވިޔަފާރީގެ އުސޫލުންވެސް ބޭނުންކުރެވޭނެއެވެ. ދޮގާއި، މަކަރާއި، ފިތުނަ ނުއުފައްދަވެސް ރައްޔިތުންގެ މަޤުބޫލުކަން ހާސިލު ކުރެވޭނެއެވެ. އެހެން ނޫންތޯއެވެ؟!