ޝައްކެއްނެތް ވަރަށް ކުުށް ސާބިތުވަނީ ކިހާވަރެއް ވީމަތަ؟

އިންސާނުން އުޅޭތަނެއްގައިވިއްޔާ އެކި އެކި ޒާތްޒާތުގެ ކުށްތަކަށް އަރައިގަންނަ މީހުން އަބަދުވެސް އުޅެއެވެ. ދިވެހިރާއްޖޭގެ މި ކުޑަ މުޖުތަމަޢުގައިވެސް ކަން އޮތީ ހަމަ މިހެންނެއެވެ. އަހަރަކުން އަހަރަކަށް ކުށް ކުރާމީހުންގެ އަދަދު އަންނަނީ ގިނަވަމުންނެއެވެ. މިކަންކަަން ހުއްޓުވުމަށް ބޮޑެތިސިންގާ ޤާނޫނުތަކާއި އެ ޤާނޫނުތަށް ތަންފީޒު ކުރާނެ އިދާރާތަށް ހުރެމެ ކުށްތަކަށް އަރައިގަންނަ މީހުން ގިނަވުމަކީ އަހަރެމެން ކަންބޮޑުވާންޖެހޭ ކަމެކެއެވެ.

ކުށް ކުރާމީހުންނާ ޤާނޫނު އަރާ ހަމަކުރާނެއޭ ކިޔާ އަޑު އަހަރެމެންނަށް އަބަދުވެސް އިވެއެވެ. ޤާނޫނު އަރާ ހަމަކުރުމަކީ، ކުއްކުރި މީހާއަށް އެންމެ އެކަށީގެންވާ އަދަބު ދެވުމެއެވެ. ނަމަވެސް، އެކަށީގެންވާ ޙައްޤު އަދަބު ދޭތަން ފެންނަނީ ވަރަށް ވަރަށް މަދު ފަހަރަކުއެވެ. މިކަމުގެ ސަބަބަކަށް ވެފައި މިއޮންނަނީ ޝަރުޢީ މަރުހަލާ ތެރޭގައި ކުށް ސާބިތުކޮށް ނުދެވުމެއެވެ. އަދަބަކާ ހިސާބަށް އާދެވެން އަންނަނީ ކުށްކުރި މީހާގެ މައްޗައް ޝައްކެއްނެތް މިންވަރަށް މައްސަލަ ސާބިތު  ކުރެވިގެންނެއެވެ. ޙާއްސަކޮށް ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ޝަރުޢީ މަރުހަލާގައި މައްސަލަ ސާބިތުވަނީ ވަރަށް މަދުފަހަރެއްގައެވެ.

ސުވާލަކީ އެބުނާ “ޝައްކެއްނެތް” މިންވަރަށް ސާބިތު މިވަނީ ކިހާވަރެއް ވީމަ ހެއްޔެވެ. ފުލުހުން މީހެއްގެ މައްޗައް ދަޢުވާ ކުރަން ފޮނުވާނީ ހަމަ ހުރެލާފައެއް ވެސް ނޫންތާއެވެ. އެތަކެއް ދުވަހެއްގެ، އެތަކެއް ބައެއްގެ ބުރަ މަސައްކަތުން މައްސަލަ ތަހުގީގުކޮށް، ކުއްވެރިޔާގެ މައްޗަށް ހޯދެންހުރި ހެކިތަށް ހޯދައި ދަޢުވާކުރަން ފޮނުވީމައި، ކޯޓުމަރުހަލާއިން ކުއްވެރިޔާ މިނިވަން ކުރަނީ އެކަށީގެންވާ ވަރަށް ހެކިނެތް ކަމަށް ބުނެ، ނުވަތަ ޝައްކެއްނެތް ވަރަށް ސާބިތުކޮށްދެވެން ނެތްކަމަށް ބުނެއެވެ. އެއްކަލަ އެއް ދޮރުން ވަންނަ މީހާއަށް އަނެއް ދޮރުން ނިކުމެވެނީ މި ސަބަބާހުރެ ކަމަށް ވެދާނެއެވެ.

އާޚިރުނަތީޖާއަކީ ރައްޔިތުންގެ މެދުގައި ފުލުހުންނާއި ޝަރުޢީ އިދާރާތަކަށް އޮންނަ އިތުބާރު ކެނޑިގެންދިއުމެއެވެ. އަދުލު އިންޟާފު ގާއިމު ކުރެވޭނެ ކަމާމެދު ޝައްކު އުފެދުމެއެވެ. ކުށްތަކަށް އަރައިގަންނަ މީހުންނަށް އިތުރު ހިއްވަރެއްލިބި، އެފަދަ މީހުން ދުވަހެއް ދުވަހަކަށް ގިނަވެގެން ދިޔުމެއެވެ.

ޝައްކެއްނެތް ވަރަށް ސާބިތުކުރަން ހަދައިގެން ދިވެހިރާއްޖޭގެ ޝަރުޢީ އަދި އަދުލު އިންޟާފުގެ ނިޒާމު މިއަދު މިވަނީ ފެއިލްވެފައޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އަޅެ ތިޔަބުނާ ޝައްކެއް، ވަސްވާހެއް ނެތް މިންވަރަށް ސާބިތުކޮށް ދެވޭނީ ހަމައެކަނި ހެއްދެވި ފަރާތައް ނޫންހެއްޔެވެ؟!.

ލިޔުން ހިއްސާކޮށްލުމަށް