މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުތަ؟

“މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު” މިއީ އަޅުގަނޑުމެން ކުޑައިރުންސުރެ ވަރަށް ގިނައިން އިވޭ ބަސްކޮޅެކެއެވެ. އެކި އެކި ޓީވީ ޕުރޮގުރާމު ތަކުންނާއި ރޭޑިއޯ އިން މިހެން ކިޔާތީ އަޑުނުއިވޭ މީހަކު ވަރަށް މަދުވާނެއެވެ. އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުމަށް ކުރަމުން އައި މައިގަނޑު އެއް މަސައްކަތަކީވެސް މަސްވެރިކަމެއެވެ. އަދި އާމްދަނީ ހޯދުމަށް އޭރު ކުރެވެންއޮތް އެންމެ ރަނގަޅު މަސައްކަތަކީވެސް ހަމަ މަސްވެރިކަމެއެވެ.

މަސްވެރިކަމަކީ ދިވެހިންނަށް މިހާ މުހިންމުކަމެކޭ ބުނާއިރު  މިޒަމާނުގެ ގިނަ ޒުވާނުން މަދަރުސާގެ ދައުރު ނިންމުމަށްފަހު މަސްވެރިކަމަށް ނިކުތުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަނީ ކީއްވެބާއެވެ؟ މަސްވެރިކަންކުރާ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް ދައްވަނީ ކީއްވެބާއެވެ؟ މަސްދޯނިފަހަރު ދުވަހެއް ދުވަހަކަށް މަދުވަމުންދަނީ ކީއްވެބާއެވެ؟ މަސްވެރިކަމަކީ ހަމަ ހަޤީގަތުގައިވެސް ދިވެހިންގެ ލޭނާރުބާއެވެ!؟

ޖަވާބު ވަރަށްވެސް ސާފެއެވެ. އަދުގެ ޒުވާނުން މަސްވެރިކަމަށް ނިކުތުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ފެންނަނީ ލިބޭ އާމްދަނީ މާބޮޑައްވެސް ރަނގަޅުވީމައެވެ. މަސްވެރިކަންކުރާ ދިވެހިން މަދުވަނީ ދެމެހެއްޓެނިވި ގޮތަކަށް މަސްވެރިކަން ކުރެވޭނެމަގު ދިވެހިރާއްޖޭގައި ފަހިވެފައި ނެތުމުންނެއެވެ. އަދި މަސްދޯނި ފަހަރު މަދުވަނީ ވެސް އޮޑިވެރި މީހާ މަސްވެރިކަން ކުރަން ފެށުމަށް އެކުރާ ހޭދަ، ލިބޭ ފައިދާ އާއި ނުބައްދަލުވާތީއެވެ.

ވާނީވެސް އެހެންތާއެވެ، ބޮޑުސިންގާ ލޯނެއް ނަގައިގެން، ބޮޑުސިންގާ މަސްދޯންޏެއް ބަނދެގެން އޮޑިވެރިމީހާ މިޖެހެނީ މަހައްދާ ފަޅުވެރިންނަށް އޭގެ ހިއްސާ ދޭށޭވެ. މަސްއޮޑިފަހަރަށް އަރުވާ ފަޅުވެރިންނަކީވެސް އޮޑިވެރިމީހާގެ އަތްމަތީގައި އޮތްކަމެއް ނޫނެވެ. އަޅުގަނޑުމެން ދިވެހިން މީ ވަރަށް ފުންކޮށް ވިސްނާ ފިކުރުކުރަން ވެއްޖެ ކަމެކެވެ. 

ހަމަ ދިވެހިން ނޫނީ މަސްބާނައިގެން ނުވޭހެއްޔެވެ. ހަމަ ބާނާހާ މަހެއް އުކާލަންވިޔަސް ގަންނަން ޖެހޭ ހެއްޔެވެ. އަޅުގަނޑުމެންގެ ޒިދުގައި ގަދަގޮތުގައި ހިފަހައްޓައިގެން ތިބެ މަސްވެރިކަމުގެ ސިނާއަތުގެ ކޮޅުމޮއްވެ ކުރިއެރުމެއް ނުލިބި އޮތަސް ހަމަ ހެޔޮހެއްވެ. މިފްކޯވެސް އެކުރަނީ ވިޔަފާރިއެކެވެ. އޮޑިވެރިންވެސް އެކުރަނީ ހަމަ ވިޔަފާރިއެކެވެ. ފިހާރައިގައި ކޭޝިއަރަށް އިންނަ މީހާއަށް ހިއްސާ ދޭންޖެހޭނަމަ ފިހާރަ ހިނގާނެހެއްޔެވެ. ނުވަތަ ޤާނޫނެއްގެ ދަށުން ހަމައެކަނި ދިވެހިން ފިހާރައިގައި މަސައްކަތުމީހުންގެ ގޮތުގައި ބަހައްޓަން ޖެހިއްޖެ ނަމަ ވިޔަފާރި ހިނގާނެހެއްޔެވެ. 

މިފްކޯވެސް އަދި އޮޑިވެރިންވެސް އެހެން ވިޔަފާރިތަށްވެސް ހިންގާ އުސޫލުތަކުގެ ތެރޭން ހިންގުމަށް ފުރުސަތު ދޭނަމަ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިނާއަތު ތަސައްވަރު ކޮއްލަ ބައްލަވާށެވެ. އޭރުން އޮޑިވެރިން ޑީކޮންޕުރެސް ޗޭންބަރުތަށް ނަހަދާނެ ހެއްޔެވެ.

ދެން ކޮންމެ މީހަކުވެސް ދައްކާނީ ދިވެހިރާއްޖޭގައި މަސްވެރިންގެ ނުފޫޒުގެ ވާހަކައެވެ. ނުވަތަ ދިވެހި ރައްޔިތުންގެ ގިނަބައެއް ކަމަށްވާ މަސްވެރިންގެ ތާއީދު ހޯދުމަށް މިފްކޯ ހަތިޔާރެއްގެ ގޮތުގައި ވެރިން ބޭނުންކުރާ ވާހަކައެވެ. ދަންނަވަންތޯ އެވެ. މިއީކީ ސިޔާސީ ކަމެއް ނޫނެވެ. މިއީ ހަމަ އެއްކަލަ ބޯދާ ކަންކަމުގެ ތެރެއިން ދިވެހިންގެ ތެރެއިން ނުގޮސް އޮތް ކަމެކެވެ. އަޅުގަނޑުމެން ދިވެހިން ބޯހަރުކަން ދޫކޮށް އަޅުގަނޑުމެންގެ ލޭނާރު ކަމަށްވާ މަސްވެރިކަމުގެ ސިޔާސަތު ކުރިއަރުވަން މަސައްކަތް ކޮއްފިނަމަ އަދިވެސް ޓޫރިޒަމަށް އެންމެ ތަންފުކެއްވެސް ދޫނުކުރާނެކަން ޔަޤީނެވެ.

ލިޔުން ހިއްސާކޮށްލުމަށް