ރޯކޭލޭ ބުނީމަ ދެ ތަލި ތަޔްލާހެން ހީވެޔޭ ބުނާ އުސޫލުން ދިވެހިރާއްޖޭގެ ހާލަތު ވެއްޓިގެން ދާތަން ބައެއްމީހުންގެ ލޮލަށް އެބަ ފެނެއެވެ. ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ އަށް ބަލާލުމުން މީގެ އެކި މިސާލު ފެންނާނެ އެވެ. ހަމަ އެކަނި އަމިއްލަ ފަރުދަކަށް ވުމުން ނަގަން ޖެހޭ ފަރުދީ ޒިންމާ އަކަށް ނުވިއަސް ދިވެހި ރަށްޔިތަކަށް ވީތީ ނަގަންޖެހޭ ފަރުދީ ޒިންމާ ހުންނާނެކަމީ ހަމަ ޔަގީންނުންވެސް ޝައްކެއްނެތް ކަމެކެއެވެ. ނަމަވެސް ގަވާއިދު ތަކަށް ބޯލެނބުމަށް ނުވަތަ އަމަލު ކުރުމަށް ވެސް ފަރުދީ ޒިންމާ ތަކެއް ވާކަން ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ނަމަވެސް މިކަން އަމިއްލަ އަށް ދެކިގެން މިކަން ކުރާ ބަޔަކީ މަދު ބައެކެއެވެެ.
އެންމެ ކައިރިން ފެންނަންއޮތް އެންމެ ރަނގަޅު މިސާލަކީ ޕާކިން އެވެ. މި ފަހުން ޕާކިން ސްޓިކާ ޖެހުން މެދިކަނޑާލި ހިސާބުން ބައެއް ދިވެހިން ފަރުދީ ޒިންމާ އަދާ ކުރާ މިންގަނޑު ވަރަށް ރަނގަޅަށް ފެނިގެން އެބަ ދެއެވެ. ބައެށް މަގުތަކުން ދުއްވާފައިދާ މީހުނަށް ސައިކަލެއްގެ ދަފަތުގައި ނުޖެހި ނުދެވޭ ވަރެއް ނުވެއެވެ. ނަމަވެސް މިކަމުގައި ގޯސްވާނީ ސަރުކާރެއެވެ. އޭގައި އަމިއްލަ ފަރުދީ ޒިންމާ އަދާ ނުކުރެވޭ ވަގުތު ސަރުކާރު ގޯސްކޮށް ސްޓިކާ ޖެހި ފުލުސް މީހާ ނުވަތަ އެ މުޅި މުވައްސަސާ އެބަ ގޯސް ކުރެއެވެ.
މަގުމައްޗަށް ކުނިއެޅުން ވެސް މިވަނީ އާންމު ކަމަށް ވެފައެވެ. ހަނި މަގުތަކުގައި ލިބިފައި ހުންނަ ޕާކިންޒޯން ތަކުގައި ހުންނަނީ ގޯނި ގޯންޏާއި ހަލާކު ވެފައި ހުންނަ ފަރުނީޗަރު އަދި ކުނިވާ ޒާތުގެ ކުނިބުނި އުކައި ފުނި ޖަހާފަ އެވެ. ގެއަށް ވަދެލަން ސައިކަލު ޕާކު ކޮށްލަން އަޔަސް އޭގެ ކުނިފުންޔަކާ ހެދި ޕާކު ނުކުރެވިގެން ޖާގަ ނުލިބި އަނބުރާލާފައި ނުދާ ދުވަހެއް މަދުވާނެ އެވެ. ކުނީގެ ވެރިފަރާތަށް އެކަމުގެ ފަރުދީ ޒިންމާ ނެގޭނަމައީ މި އުނދަގޫ ހަމަ ގައިމުވެސް އިތުރު މީހަކަށް ނުޖެހޭނެއެވެ.
މިފަދަ ކަންނަމުން އުނދަގޫވާނީ ހަމައެކަނި އެހެންމީހުން ނަކަށްނޫނެއެވެ. ހުދު އެކަން ކުރާމީހާއަށްވެސް ހަމަ އެހެންމީހުންނެކޭ އެއްފަދައިން އުނދަގޫނުވެ ނުދާނެއެވެ. ބަޔަކު ދެއިރު ދެދަޅައަށް ޖޫރިމަނާކުރަމުން ފަހަތުން ނުދުވިޔަސް އަމިއްލަ ސިކުނޑިން ވިސްނާލާ, އަމިއްލަ ވިސްނުން ރަނގަޅު ކޮށްގެންނޫނީ މިކަހަލަ ކަންކަމަށް ހައްލެއް ނުލިބޭނެއެވެ.