މީސްމީޑިޔާގައި ބަރަހަނާވުން!.. އޯކޭވީތަ؟

މީސްމީޑިޔާ ނުވަތަ ސޯޝަލް މީޑިޔާ އޭ ބުނުމުން އެއީ ކޯއްޗެއްކަން ނޭންގޭނެ މީހަކު ނެތްތަނުގައި، އެ ބޭނުން ނުކުރާމީހަކުވެސް ހުރެދާނެކަމީ މިޒަމާނުގައި ވަރަށް ނާދިރު ކަމެކެއެވެ. އާއެކެވެ، މުސްކުޅިންވެސް ހަމަ ޒުވާނުންނެކޭ އެފަދައިން މީސްމީޑިޔާގެ އެކި އެކި ޕުލެޓްފޯމް ތަކުގައި ފަރިތަކަމާއެކު ދަނީ ހަރަކާތްތެރިވަމުންނެއެވެ. ކާފަމެން ކުރީގަ 8 ގެ ޙަބަރު ބަލަން ހުޅުވާލަނީ ޓީވީ ކަމުގައިވިޔަސް، މިހާރު ހުޅުވާލަނީ ފޭސްބުކްއެވެ. އެހާވެސް ދިވެހިންގެ މެދުގައި މީސްމީޑިޔާ ވަނީ އާންމުވެފައެވެ

ކަންމިހެން ހުރިއިރު މީސްމީޑިޔާގެ ބޭނުން އެކި މީހުން ކުރާނީ އެކިގޮތަށް ކަމީ އަހުރެމެން ޤަބޫލުކުރަން ޖެހިފައިއޮތް ހަޤީގަތެކެއެވެ. އެއްބަޔަކު މުނިފޫހި ފިލުވަން ބޭނުންކުރާއިރު އަނެއްބަޔަކު ވިޔަފާރި ކުރުމުގައި ބޭނުންކުރެއެވެ. ޙަބަރު ފެތުރުމާއި، މުއާސަލާތީ ވަސީލަތެއްގޮތުގައިވެސް މީސްމީޑިޔާ ބޭނުންކުރެވެއެވެ. މިހެންގޮސް ކިޔާނެކަމެއްނެތެއެވެ. ކިތަންމެ ކިތަންމެ ގޮތަކަށް ބޭނުން ކުރެވެއެވެ.

އަސްލު ބުނަން މިއުޅޭ ޕޮއިންޓާ ހިސާބަށް ދާން ލަސްވެއްޖެދޯއެވެ؟ ވާނީވެސް އެހެންތާއެވެ. ދައްކަން މިއުޅެނީ ވަރަށްވެސް މީހުން ދުރުދުރުން ނުދައްކަން އުޅޭ ވާހަކައެކެއެވެ. މީސްމީޑިޔާގައި ހާއްސަކޮށް އަންހެން ކަނބަލުން ބަރަހަނާވަމުންދާ ވާހަކައެވެ. އެކަކު އަނެކަކަށްވުރެ ބޮޑަށް ވަނާތަށް ފާޅުކޮށް އިޝްތިހާރު ކުރާ ވާހަކައެވެ. އެކި ގޮތް ގޮތަށް ހެދުންއަޅައި، ފާޑު ފާޑުގެ ބޭއަދަބީ ފޮޓޯތަކާއި، ވީޑިޔޯތައް ފާޅުކަންބޮޑު ގޮތެއްގައި އެންމެންނަށް ފެންނަގޮތަށް ދޫކޮށްލާ ވާހަކައެވެ. އާއެކެ، “މޮޑެލް” ކުރުމުގެ ނަމުގައި ސައްތައިން ސައްތަ އިސްލާމް ޤައުމެއް ކަމަށް ދައުވާކުރާ މި ދިވެހީރާއްޖޭގައި، ބައެއް ދިވެހި އަންހެނުން އަމިއްލަ އިޚްތިޔާރުގައި މީސްމީޑިޔާގައި ބަރަހަނާ ވަނީއެވެ.

މިއީ އެންމެންނަށްވެސް އެނގޭ އެކަމަކު ނުދައްކާ ވާހަކައެކެއެވެ. ސަބަބެއް ނަތިއެވެސް ނޫނެއެވެ. ގިނަފަހަރަށް މިކަހަލަ ވާހަކަ ދައްކާމީހާ އޮންނަނީ ކުށްވެރި ވެފައެވެ. ނޫނީ ދީނީގޮތުން ހަރުކަޝި ލޭބަލް އަޅުވާފައެވެ. އެހާވެސް މިކަން އަޅުގަނޑުމެންގެ ތަރޭގައި މިވަނީ އާންމު ވެފައެވެ. އޯކޭ ވެފައެވެ. ބައެއްމީހުން ދެކޭގޮތުގައި އެއީ އެމީހުންގެ ހައްގެކެއެވެ. އެއީ އެމީހުންގެ މިނިވަންކަމެއެވެ

މިކަން މިއަދު މިހާ އާންމުވެ، އޯކޭވެފައި މިއޮތީ ހަމައެކަނި މިދެންނެވި އަންހެނުންގެ ސަބަބުންނޭ ބުނެވޭކަށްވެސް ނެތެއެވެ. އާއެކެއެވެ. އެމީހުން ބަރަހަނާވަނީ، އެތަން ބަލާ، އަތްޖަހާ ބަޔަކުވެސް ތިބޭތީއެވެ. މިކަން ބަލައިގަންނަ ބަޔަކުވެސް ތިބޭތީއެވެ. ބޮޑެތި ސިންގާ ވިޔަފާރިތަކުން، ބޮޑެތި އަދަދުން ފައިސާ ހުޝައަޅައި، ކުންފުނި އިޝްތިހާރު ކުރާތީއެވެ. މީސްމީޑިޔާގައި ބަރަހަނާވެ، މަޝްހޫރުކަން ހޯދާ ކުއްޖާ ބޭނުންކޮށްގެން ވިޔަފާރި އިޝްތިހާރު ކުރުމަކީ، އެކުދިން އެހެން އުޅުމަށް ދެވޭ ހިއްވަރެއް ނޫންހެއްޔެވެ؟ މި ބުނާޒާތުގެ “މޮޑެލް” ކޮށްގެން ކައިގެން ބޮއެގެން އުޅޭ ކުދިން މަދެއްނޫނެއެވެ. ގައިމު މަދު ފައިސާކޮޅެއް ދޭނަމަ މިހެން އެކުދިންނަށް އުޅެވުނީސް ހެއްޔެވެ؟ ވިޔަފާރިވެރިން އެކަންޏެއްވެސް ނޫނެއެވެ. އާންމުންގެ ތަރުހީބުވެސް އެހާލިބެއެވެ. ހާހުން ހާހުން އެފަދަ ކުދިންގެ އެފަދަ ޕޯސްޓު ތަކަށް ލައިކްކޮށް، ކޮމެންޓު ކުރާމީހުންނަކީވެސް މިފަދަ ކަންކަމަށް ނޭންގި ނަމަވެސް ހިތްވަރު ދޭބައެކޭ ބުނުމަކީ ދޮގަކަށް ވެދާނެކަމަކަށް އަޅުގަނޑަށް ގަބޫލެއްނުކުރެވެއެވެ.

މި ފާހަގަ ކޮށްލެވުނު ފަރާތަކަށްވުރެ، މިކަން މުޖުތަމައުގައި އާންމުވުމުގައި އަޅުގަނޑުގެ ނަޒަރުގައި އެންމެ ބޮޑަށް ކުއްވެރިވަނީ ކަމާ ބެހޭ ވުޒާރާތަކެއެވެ. މިކަން ކަން ހުއްޓުވަން ފިޔަވަޅު އާޅާނެ ބަޔަކު މިއަދު ނެތީ ހެއްޔެވެ؟ މިކަން ކަން ހުއްޓުވައި އެފަދަ މީހުންނަށް ފިޔަވަޅުއެޅޭނެ ޤާނޫނެއްވެސް ނެތީ ހެއްޔެވެ؟ ޤާނޫނެއް ނެތްނަމަ، އެފަދަ ޤާނޫނެއް ހަދާނެ ބަޔަކުވެސް ހަމަ ނެތީ ހެއްޔަވެ؟ އެކި އެކި ސިޔާސީ ޕޯޑިޔަމް ތަކުގައި އިސްލާމްދީނޭ ކިޔައި ކަރުން ނާރު އަރުވާލާފައި ވާހަކަ ދައްކާމީހުން، ޖެހިގެން އަންނަދުވަހު ޤާނޫނު ހަދާ މަޖިލިހަށްވަންނައިރު އިސްލާމްދީން މަތިން ހަނދާން ނުހުނަންކަމީ ހިތާމަހުރި ކަމެކެއެވެ.

ޤާނޫނު ހަދާ މަޖިލިހާއި، ތަންފީޒީ އެކި އެކި ވުޒާރާތަކާއި ބޮޑެތި ވިޔަފާރިވެރިން ބަހައްޓާފައި އަހަރެމެން، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މިކަންކަން ހުއްޓުވުމަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަމާ ހިނގާށެއެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، އެންމެ ބޮޑު އަދި އެންމެ މުހިންމު ރޯލެއް އަދާކުރެވޭނެ އެއް ބަޔަކީ އަމިއްލަ ފަރުދުންނެއެވެ. އަޅުގަނޑުމެން އާންމުން އެންމެން އެކައްޗެއްކިޔައި މިފަދަ ކުދިން ދޫކޮށްލާ އެއްޗެހި ނުބަލަންވީއެވެ. ލައިކުކޮށް، ކޮމެންޓުކޮށް ނުހަދަންވީއެވެ. އެފަދަ ކުދިންނަށް ސަމާލުކަން ނުދޭންވީއެވެ. އޭރުން ހަމަ ގައިމުވެސް މިފަދަ ކަންކަން މަދުވާނެކަމީ ޝައްކެއްވެސް ނެތްކަމެކެއެވެ. އެހެންމީހުންނަށް އިނގިލި ދިއްކުރުމުގެ ކުރިން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަންވީއެވެ. އިސްލާމްދީނާ ރައްޓެހި ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމާ ހިނގާށެއެވެ.

 

ލިޔުން ހިއްސާކޮށްލުމަށް