ހުރިހާ މޮޅެއް ޤަވައިދާ ޚިލާފުވާ މީހުންނަށް!

ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންނަށް އެމީހުންގެ ލާބަޔާއި މަންފާއަށް އެކި ކަހަލަ، ދައްކަމުން ދައްކަމުން ޚަލާސްކުރާ އުސޫލުން ލޯނު ތަކާއި މިނޫންވެސް ސްކީމްތަށް އެކި އެކި ނަންނަމުގައި އަބަދުވެސް ހިންގައެވެ. މިފަދަ ސްކީމުތަށް ގިނަފަހަރަށް ޑިޒައިން ކޮށްފައިހުންނަނީ ސަރުކާރަށް އޭގެން އެއްވެސް ފައިދާއެއްނުވާހާލު ގެއްލުންވާ ގޮތްގޮތަށެއެވެ.

ކުރިންވެސް ބުނެވުނުހެން، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ކުރާ މިފަދަ ކަންކަމުގެ ނާޖާއިޒު ފައިދާ ރައްޔިތުމީހާ ނަގާކަމީ އެންމެންނަށްވެސް އެނގޭ  ވަރަށް  ހިތާމަހުރި  ކަމެކެއެވެ.

އުޅޭނެތަނެއް ވަންނާނެ ގެދޮރެއް ނެތިގެން ރައްޔިތުން ހާލުގައި އުޅެމުންދާތީވެ އެކަން ހައްލުކުރަން ފުލެޓު އަޅާދީފައި، މާރކެޓް ރޭޓަށްވުރެ އެތައްގުނަ ކުޑަ ރޭޓެއްގައި އިތުރު ބަޔަކަށް ކުއްޔަށް ނުދިނުމަށް ޝަރުތުކޮށް ދިނީމައިވެސް ޖެހިގެންއަންނަ ދުވަހު ފެންނަނީ ބޮޑު އެޑުވާންސަކާއެކު ކުއްޔަށް ދޫކުރުމަށް އިޝްތިހާރު ޖަހާފައި ހުންނަތަނެއެވެ. ބޮޑުއަގުގައި ކޮންމެވެސް އެހެން ފަރާތަކަށް ކުއްޔައް ދީފައި ހުންނައިރު، އެތަނުގެ ވެރިފަރާތުން ފުލެޓުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ މަދު ފައިސާކޮޅު ދައްކަނީ ވަރަށް މަދުބައެކެއެވެ.

މަތީ ތަޢުލީމު ޙާސިލުކުރަން ބޭނުންވާ ފަރާތްތަކަށް އިންޓްރަސްޓަކާނުލައި ބޮޑެތި އަދަދުތަކުން ލޯނުދީފައި، އެ ލޯނު އަނބުރާ ދައްކަން ފެށުމާއި ދޭތެރޭ އެހާބޮޑު  ގުރޭސް ޕީރިއަޑެއް ދީ، އެހާ ފަސޭހަ ޕޭމެންޓު ޕުލޭނެއް ދިނީމައިވެސް، ލޯނު އަނބުރާ ދައްކަނީ ވަރަށް މަދު ބައެކެއެވެ.

ކުދި ވިޔަފާރިތަށް ކުރިއަރުވަން ބޮޑެތި ލޯނުތަށް ލުއި ގޮތް ގޮތަށް ފަސޭހަކަމާއެކު ދިނީމައިވެސް އަނބުރާ ދައްކާ މީހުންނަށްވުރެ ގިނައީ އެއްގޮތަކަށްވެސް ނުދައްކާ މީހުންނެއެވެ.

މިހެންގޮސް ކިޔާނެކަމެއްނެތެއެވެ. ގޭގެ ކަރަންޓު ބިލާއި ފެން ބިލުން ފެށިގެން ގޮސް ގަވާއިދާ ހިލާފުވެގެން ކުރާ ޖޫރިމަނާވެސް ނުދައްކާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާކަމީ ހިތާމަހުރިކަމެކެއެވެ.

ކޮންމެ ކަމެއްވެސް ކުރަނީ ޤަވާއިދު ތަކަކާއި އުސޫލުތަކެއްގެ ތެރެއިންނެއެވެ. މީގެތެރޭގައި ޤަވައިދާ ޚިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައްވެސް ހުންނާނެކަމީ ޝައްކެއްވެސްނެތް ކަމެކެއެވެ. މި ދެންނެވި ފިޔަވަޅުތައް އެފަދަ ފަރާތްތަކަށް އެޅިކަމުގައި ވިޔަސް އަމަލެއް ނުކުރެވެއެވެ. ޖޫރިނާއެއް ކުރިޔަސް ދެން އަންނަ ސަރުކާރަކުން މާފު ދޭނެކަން އެންމެންނައްވެސް އެނގެއެވެ. އާއެކެވެ، ޤަވާއިދާ ޚިލާފުވާ މީހުންނަށް ހިއްވަރުދީ މިކަމަށް މަގުފަހުކޮށްދެނީ ހަމަ ސަރުކާރުންނެއެވެ. ވޯޓުހޯދަން ސަރުކާރުތަކުން މިފަދަ ކަންކަން ސިޔާސީ ކޮއްލައިގެން މާފު ދެނީއެވެ. ލޯނުތަކާއި، ބިލުތަކާއި ޖޫރިމަނާތައް ޤަވާއިދުން ދައްކާ ފަރާތްތަކަށް އެވެސް ފައިދާއެއްނެތެއެވެ. ހުރިހާ މޮޅެއް ވަނީ ޤަވައިދާ ޚިލާފައް އުޅޭމީހުންނަށެއެވެ.

 

ލިޔުން ހިއްސާކޮށްލުމަށް