ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަމާ!

އެ ރެޔަކީ މި ބަރަކާތެރި މައްސަރުގެ އެންމެ ބަރަކާތެރި ރެއެވެ. އެ ރެޔަކީ މާތްވެގެންވާ ކީރިތި ޤުރުޢާން ބާއްވާލެއްވި މަތިވެރި ވެގެންވާ ރެއެވެ. އެރެޔަކީ 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެވެ. އެރެޔަކީ ލައިލަތުލްޤަދްރި ވިލޭރެއެވެ

އެރެއަކީ ކޮންރެއެއްކަން ކަނޑައެޅިގެން އަޅުގަނޑުމެންނަށް ނޭނގުނު ކަމުގައި ވިޔަސް އެރޭގެ ބައެއް ޢަލާމާތްތައް ރަސޫލު ﷲ ﷺ ވަނީ ބަޔާން ކޮށްދެއްވާފައެވެ. އޭގެތެރޭގައި ލައިލަތުލްޤަދްރި ވަނީ ފަހުދިހައިގެ އޮނަހިރި ރެއެއްގައި  ކަމާއި އެދުވަހުގެ އިރުއަރައިގެން އަންނައިރު ދޯދި ނުހުންނާނެކަން  ފާހަގަ  ކޮށްލެވެއެވެ.

މި ނިމިގެން ދިޔަ ދުވަސްތަކުގައި ފަރުވާ ކުޑަ ކޮށްލެވުނު ކަމުގައިވިޔަސް، އަލުން އާ އަޒުމެއްގައި ހިތްވަރާއެކު މަސައްކަތް ކުރަމާ ހިނގާށެވެ. ކީރިތި ޤުރުއާން ކިޔެވުން ގިނަކޮށް، ﷲ ގެ ވަޖުހުފުޅު އަދައިގެން ރޭގަނޑުގެ އަރާމު ނިދި ދޫކޮށް ޤިޔާމުގައި ހުރެ، މިސްކިތްތަކުގައި އިޢުތިކާފަށް އިނުން ގިނަ ކުރަންވީއެވެ. އަދި ހަމަ އެހެންމެ ނަބިއްޔާ އިރުޝާދު ދެއްވި ފަދައިން ގިނައިން އެކަލޭގެފާނު ކުރެއްވި ދުޢާ ކުރަންވީއެވެ. ”اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ“

އަޅުގަނޑުމެންނަށް  ލިބިފައިމިވާ  ރަނުގެ  ފުރުސަތުގެ  ބޭނުން  ހިފަމާ  ހިނގާށެއެވެ. ﷲ  ގެ  އިރާދަފުޅުން  މި  ރަމަޟާންމަހު  ދުނިޔޭގައި  ހުރުމުގެ  ހެޔޮތަވްފީގް  އަޅަމެންނަށް  މިވަނީ  ލިބިފައެވެ. އަޅުގަނޑުމެންނަށް ދެން އަންނަ ރަމަޟާން މަހާ ބައްދަލުވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އަޅުގަނޑުމެންގެ ލޯ ކުރިމަތީގައި އެތައް ބަޔަކު މި ފަނާވަނިވި ދުނިޔެ ދޫކޮށް މި މަހުވެސް ހިނގައްޖެއެވެ. އެހެންކަމުން މި ފުރުޞަތު ނަގާނުލާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ ބަޔަކު ކަމުގައި ވަމާތޯއެވެ.

މާތް ﷲ، އަޅުގަނޑުމެންގެ ތެރެއިން ހަމައެކަކުވެސް އެރޭގެ ދަރުމައާއި ޘަވާބުން މަޙްރޫމު ނުކުރައްވާށިއެވެ. އާމީން!

 

ލިޔުން ހިއްސާކޮށްލުމަށް