20ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޗެއަރޕާސަން އަދި ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުއްރަހީމް އަބްދުالله މިއަދު އިންތިޚާބު ކޮށްފިއެވެ.
މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނެގި ސިއްރު ވޯޓަކުން އަދުރޭ އިންތިޚާބުވީ 71 ވޯޓުންނެއެވެ. އަދުރޭއާއި ވާދަކުރި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެއެވެ.
އަދުރޭ ވަނީ މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ދެ ދައުރެއްގައި ތަމްސީލު ކުރައްވާފައެވެ. އަދުރޭ ފާހަގަ ކޮއްލެވެނީ ނިމިދިޔަ 5 އަހަރުގައި އޭރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިދިކޮޅުގައި އޮތްއިރު، އަދި އިދިކޮޅު އެންމެ ނިކަމެތި ވެގެންދިޔަ ވަގުތުގައިވެސް ކޯލިޝަން ލީޑު ކުރައްވައި ހިންގެވި ބޭފުޅެއްގެ ގޮތުގައިއެވެ.
އަބްދުރަހީމަކީ ރައީސް މައުމޫނު ވެރިކަން ކުރެވި އިރުންސުރެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ، ތަޖުރިބާކާރު އަދި ސިޔާސީ ގޮތުން އަބަދުވެސް ފާހަގަ ކޮއްލެވޭ ޝަހުސިއްޔަތެކެއެވެ.