އަދުގެ ސަރުކާރުން އަންނަނީ ޒުވާނުންގެ ޙައްޤުތައް ނިގުޅައިގަނެ ހަނިކުރަމުން ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، 18 އަހަރުން މަތީ ކޮންމެ މީހަކަށް އިންތިޚާބުތަކުގައި ވޯޓުދިނުމާއި، އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤަކީ ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޙާއްސަ މަޖިލީހުގައި، އެމްޑީޕީ އިން އިސްނަގައިގެން ވަކާލާތު ކޮށް ހޯދައިދީފައިވާ ޙައްޤެއް ކަމަށެއެވެ.
ނަމަވެސް، އަދުގެ ސަރުކާރުން އަންނަނީ 18 އަހަރު ފުރޭ ޒުވާނުންގެ ޙައްޤުތަށް ހަނިކޮށް ނިގުޅައި ގަންނަމުންކަން ފާހަގަކުރައްވައި، ބުރަ މަސައްކަތާއި ޤުރުބާނީއިން ހޯދި ޙައްޤުތައް ހިފެހެއްޓުމަށް ޒުވާނުންނަށް ވަނީ ގޮވާލައިފައެވެ.
އަބްދުﷲ ޝާހިދު އަދުގެ ސަރުކާރުން ޒުވާނުންގެ ޙައްޤުތައް ހަނިކުރަމުން އަންނަ ކަމަށް ވިދާޅުވި މި ދަނޑިވަޅަކީ، ސަރުކާރުން ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރު 18 އަހަރު ކަމަށް އޮތް އޮތުން 21 އަހަރަަށް ބަދަކުކުރަން ނިންމަވާފައިވާ ދަނޑިވަޅެއްކަން ފާހަގަ ކޮށްލެވެއެވެ.