ރެއާލުން 15 ވަނަ ފަހަރަށް ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފި!

ވެމްބްލީ ސްޓޭޑިއަމްގައި ރޭގައި ކުޅުނު ޗެންޕިއަންސް ލީގުގެ ފައިނަލް މެޗުގައި ބޯރޫޝިއާ ޑޯޓްމަންޑް ކައިރިން 0-2 ގެ ނަތީޖާއަކުން ކުރިހޯދައި، ޗެންޕިއަންސް ލީގު 15 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.

ފުރަތަމަ ހާފުގައި ޑޯޓުމަންޑުން މޮޅުކުޅުމެއް ދެއްކިނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއްނުވިއެވެ. ރެއާލުން ތަށި އުފުލާލީ ފަހު ހާފުގައި ޖެހި 2 ގޯލުންނެއެވެ.

ޗެންޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމަކީ ރެއާލްއެވެ. 1956 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރެއާލުން ތަށި އުފުލާލިއިރު، މިއަދު ކާމިޔާބު މިކުރީ އެމީހުންގެ 15 ވަނަ ތައްޓެއެވެ. ރެއާލްއާއި އެންމެ ގާތުން މި ލީގުގައި އެންމެ ކުރީގައުޅެނީ އޭސިމިލާންއެވެ. އެއީ 7 ފަހަރު މުބާރާތް ކާމިޔާބުކޮށްގެނެއެވެ.

ރެއާލް މެޑްރިޑްގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، އެ ޓީމުގެ ކޯޗު އަންޗެލޮޓީގެ ކާމިޔާބީ ހާއްސަކޮށް ފާހަގަ ކޮއްލެވެއެވެ. ޗެންޕިއަންސް ލީގުގެ ތާރީހުގައިވެސް އަންޗެލޮޓީ އަކީ އެންމެ ކާމިޔާބު ކޯޗެއެވެ. އޭނާ ވަނީ 5 ފަހަރު މި ލީގު ކާމިޔާބު ކޮށްފައެވެ. އެއީ އޭސިމިލާން އާއެކު 2 ފަހަރު އަދި ރެއާލް އާއެކު 3 ފަހަރުއެވެ.

ލިޔުން ހިއްސާކޮށްލުމަށް