ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ހުޅުމާލެ އަމިންއެވެނިއު އިން 2 އެޕާޓްމަންޓް ގަނެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ކޮވިޑު 19 ގެ ބަލިމަޑުކަމުގައި ދިވެހި ފުޓުބޯޅަ ކުލަބުތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީވުމުގެ ނަމުގައި އެފްއޭއެމުން ވަނީ 1.9 މިލިޔަން ޑޮލަރުގެ ލޯނެއް ފީފާއިން ނަގައިފައެވެ.
ފުލުހުންގެ ހާމަކުރި ގޮތުގައި، ފީފާއިން ނަގާފައިވާ ލޯނުގެ ތެރެއިން 1 މިލިޔަން ޑޮލަރަށްވާ ދިވެހި ފައިސާ (15،420،000 ރުފިޔާ) ވަނީ ތިން ފަހަރެއްގެ މަތިން ބަހާލައިގެން އެޕާޓްމަންޓް ގަތުމަށް ޚަރަދު ކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އެޕާޓްމަންޓް ގަތުމަށް ޑޮލަރުން އަމިން ކޮންސްޓްރަކްޝަނަށް ދެއްކި ފައިސާއަކީ، ފީފާއިން ދިން ޑޮލަރު، ދިވެހި ރުފިޔާއަށް މާރުކުރުމަށް ދީފައިވާ ފައިސާ ކަމަށް ދެއްކުމަށް، އަމިން ކޮންސްޓްރަކްޝަންއާއި ގުޅިގެން ބައްސާމު ވަނީ މަސައްކަތް ކޮށްފައެވެ.
މި އަދަދަށްވާ ދިވެހި ފައިސާ އެފްއޭއެމް އަށް ލިބިފައި ނުވިނަމަވެސް، ލިޔެކިޔުމުން އެ ފައިސާ އަމިން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް ދިންކަން ދެއްކުމަށް މަސައްކަތް ކޮށްފައި ވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރަށް، އެފްއޭއެމުންވެސް ވަނީ މި ފައިސާ ލިބުނުކަން ދެއްކުމަށް، އެހެން ކުންފުންޏަކުން ހަމަ އެ އަދަދަށް ލޯނެއް ނަގައި އޮޅުވާލަން މަސައްކަތް ކޮށްފައި ކަންވެސް ފުލުހުން ފާހަގަކުރެއެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މިހާރުވާނީ ފޮނުވާފައިކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
އެގޮތުން، ދަޢުވާ ކުރަން ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ބައްސާމުގެ އިތުރުން އަމިން ކޮންސްޓްރަކްޝަން، އެފްއޭއެމްގެ އޭރުގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދު (ދޮނާ) ހިމެނެއެވެ.
މީގެ އިތުރުންވެސް މިފަދަ އެތައް މައްސަލައެއްގެ ތުހުމަތުތަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމު އަދި އެފްއޭއެމްގެ ކުރީގެ ބޮޑެތިންގެ މައްޗަށް ކުރެވި ތަހުގީގުތަށް ދަނީ ކުރަމުންނެއެވެ. އަދި މިފަދަ ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ފީފާއިންވަނީ ބައްސާމުއާއި މެދު ފިޔަވަޅުއަޅައި ސަސްބެންޑް ކޮށްފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.