އެމްބާޕޭ ރެއާލް މެޑްރިޑަށް!

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ރެއާލް މެޑްރިޑާ ގުޅިއްޖެއެވެ.

ރެއާލް މެޑްރިޑަށް ކުޅުމުގެ ހުވަފެން އަބަދުވެސް ދެކެމުންއައި 25 އަހަރުގެ އެމްބާޕޭ އެ ކުލަބާ ގުޅުނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެއެވެ. 2017 ވަނަ އަހަރުން ފެށިގެން ޕީއެސްޖީއަށް ކުޅެމުންއައި އެމްބާޕޭ ރެއާލަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ.

އެމްބާޕޭ 7 އަހަރުފަހުން ޕީއެސްޖީ ދޫކޮށްލިއިރު އޭނާ ވަނީ 308 މެޗު ކުޅެ، 256 ގޯލު އެ ކުލަބަށް ކާމިޔާބު ކޮށްދީފައެވެ. މި ނަތީޖާއާއެކު އެމްބާޕޭ ވަނީ އެ ޓީމަށް މިހާތަނަށް އެންމެގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ.

ރެއާލް މެޑްރިޑުން އެމްބާޕޭ ރަސްމީކޮށް ތައާރަފު ކުރުމުގެ ހަފްލާ ބޭއްވުމަށް ހަމަ ހެހިފައިވަނީ މިމަހު 14 ގައި ފަށޭ ޔޫރޯ މުބާރާތުގައި ފްރާންސުގެ ކުޅުން ނިމުމަށް ފަހުގައެވެ. ސައުދީ ލީގުގެ އަލް ހިލާލުން ނިމިދިޔަ ސީޒަނުގައި އެމްބަޕޭ  ގަންނަން އަގުބޮޑު ހުށަހެޅުމެއް ހުށެހެޅި ނަމަވެސް އޭނާ ވަނީ އެ ހުށަހެޅުމަށް ދެކޮޅުހަދާފައެވެ.

އެމްބާޕޭ އަާއެކު މިހާރުވެސް ޔޫރަޕުގެ ޗެމްޕިޔަނުން ކަމަށްވާ ރެއާލު އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ބެލެވެއެވެ.

ލިޔުން ހިއްސާކޮށްލުމަށް