ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ސަރުކާރުންދޭ ފައިސާ އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުވެސް ދީފިއެވެ.
ގާނޫނެއްގެ ދަށުން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ސިޔާސީ ޕާޓީތަކަށް ދޭން އޮންނަނީ ކަނޑައަޅާފައެވެ. މި ގާނޫނުގައި ވާގޮތުން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10000 މެމްބަރުން ހަމަވާ ޕާޓީ ތަކުގެ މެދުގައި މި ފައިސާ ބެހިގެންދާނެއެވެ. އަދި ކޮންމެ ޕާޓީ އަކަށް ފައިސާ ލިބޭ މިންވަރު ކަނޑައަޅާނީ އެ ޕާޓީއެއްގައި ރަޖިސްޓަރީވެފައިވާ މެންބަރުންގެ އަދަދަށް ބަލައިގެންނެއެވެ. މި ގޮތުން މިއަހަރު ވަނީ ބޮލަކަށް 289.62 ރުފިޔާ ކަނޑައަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 10 ޕާޓީ ރެޖިސްޓަރީ ވެފައި އޮތްނަމަވެސް މި ފައިސާ ލިބޭނެހެން ޝަރުތު ހަމަވެފައި ވަނީ 6 ޕާޓީ އެވެ. މި 6 ޕާޓީ އަދި އެ ޕާޓީތަކަށް ލިބުނު ފައިސާ ތިރީގައި އެވަނީއެވެ.
- އެމްޑީޕީ (15،101،580.43)
- ޕީޕީއެމް (10،491،054.20)
- ޕީއެންސީ (8،167،689.58)
- ޖުމްހޫރީ ޕާޓީ (5،314،312.83)
- އަދާލަތު ޕާޓީ (2،547،533.69)
- އެމްޑީއޭ (2،477،734.28)