ތުރުކީ އަތުން މޮޅުވެ ޕޯޗުގަލް ގަދަ 16 އިން ޖާގަ ކަށަވަރު ކޮށްފިއެވެ. މިހާރު ކުރިޔައްދާ ޔޫރޯ 2024 މުބާރާތުގައި ތުރުކީ އާއި ޕޯޗުގަލް ބައްދަލުކުރި މެޗު ޕޯޗުގަލް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެއެވެ.
ފުރަތަމަ ހާފުގައި ބެނާޑޯ ސިލްވާ ވަނީ މެޗުގެ 21 މިނެޓުގައި ގޯލެއް ޖަހައި ޕޯޗުގަލްއަށް ލީޑު ހޯދާދީފައެވެ. އޭގެފަހުން މާގިނަ އިރުތަކެއްނުވެ މެޗުގެ 28 ވަނަ މިނެޓުގައި ތުރުކީގެ ޑިފެންސުން ހެދުނު ގޯހަކުން، ބައިކޮޅަށް ލަނޑެއް ވާދާލައި ޕޯޗުގަލްގެ ލީޑު އިތުރަށް ފުޅާކޮށްދިނެއެވެ.
މި މެޗުގެ ފަހު ލަނޑު އަދި ޕޯޗުގަލްގެ 3 ވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭޒްއެވެ. މި ލަނޑަކީ ބުރޫނޯ ކާމިޔާބު ކޮށްދިން ލަނޑެއް ނަމަވެސް މި ލަނޑު ހާއްސަވެގެން ދިޔައީ ރޮނާލްޑޯއެވެ. އެއީ ރޮނާލްޑޯއަށް ވަރަށް ރީއްޗަށް ގޯލަަށް ފޮނުވާލެވެންއޮތް ބޯޅަ، ރޮނާލްޑޯ އެއްވެސް އަމިއްލަ އެދުމެއް ނެތި ޕާސްކޮށްލީ ހުސްކޮށް އޮތް ބުރޫނޯއަށެއެވެ. ރޮނާލްޑޯގެ މި އަމަލަށް އެތައް ބައެއް އަންނަނީ ތައުރީފު ކުރަމުންނެއެވެ.
ރޮނާލްޑޯގެ މި އެސިސްޓާއެކު މިމެޗު ހާއްސަވެގެން ދިޔައީ ޕޯޗުގަލްއަށް އެކަންޏެއް ނޫނެއެވެ. ޔޫރޯ މުބާރާތުގައި އެންމެ ގިނަ އެސިސްޓު ހެދި ކުޅުންތެރިޔާގެ ރެކޯޑާއެކު ރޮނާލްޑޯ އައްވެސް މިއީ ވަރަށް ހާއްސަ މޮޅެކެއެވެ. މިއީ އޭނާ މި މުބާރާތުގައި ހެދި 8 ވަނަ އެސިސްޓެއެވެ.
ޕޯޗުގަލް ގަދަ 16 އިން ޖާގަ ކަށަވަރު ކުރިއިރު، ގުރޫޕު ސްޓޭޖުގައި އެމީހުންގެ އަދި އެއް މެޗު ބާކީ އެބައޮތެއެވެ. މި މެޗުގައި އެމީހުން ނިކުންނާނީ ޖޯޖިއާ އާއި ދެކޮޅަށެއެވެ.