ޕީއެންސީގެ އާ ޖަގަހަ ހުޅުވައިފި

ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ނުވަތަ ކޮންގުރެސް ޕާޓީގެ މައި ޖަގަހަ މިރޭ ހުޅުވައިފިއެވެ.

ޖަގަހަ ހުޅުވައިދެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް އަދި ދިވެހިރާއްޖޭގެ އިތްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުއެވެ. މިރޭ ކުރިޔަށް ގެންދިޔަ މި ރަސްމިއްޔާތުގައި އަލަށް ޕީއެންސީއާ ގުޅުނު ފަރާތްތަކުގެ ފޯމު ހަވާލުކުރުންވެސް ކުރިޔަށް ދިޔައެވެ. މީގެ ތެރޭގައި ބައެއް މަޝްހޫރު ބޭފުޅުންވެސް ހިމެނެއެވެ.ޕީއެންސީއިން މިރޭ މި ހުޅުވި މި ޖަގަހަ ހުންނަނީ ބޮޑުތަކުރުފާނުމަގު (އާޓިފިޝަލް ބީޗު ކުރިމަތި)ގައި ހުންނަ ހ. ވެޔޮވިލާގޭގައެވެ.

ހެންވޭރު ވެޔޮވިލާގެ އަކީ އެތަކެއް އަހަރު ތަކެއް ވަންދެން އެމްޑީޕީއިން އެ ޕާޓީގެ މައި ޖަގަހައިގެ ގޮތުގައި ބޭނުންކުރަމުންއައި ތަނެއެވެ. ނަމަވެސް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެމްޑީޕީ އެތެރޭގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ސަބަބުން ޕާޓީ ދެބައިވެ، އުފެދިގެންއައި ޑިމޮކުރެޓްސް ޕާޓީ އިން ވަނީ މި ޖަގަހަ އެމްޑީޕީ އަތުން އަތުލައި ޑިމޮކުރެޓްސްގެ ޖަގަހަ އަކަށް ބަދަލުކޮށްފައެވެ.

ޑިމޮކްރެޓްސްއިން މި ޖަގަހަ ދޫކޮއްލި ވަކި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ލިޔުން ހިއްސާކޮށްލުމަށް