ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލިހަށް ހުށައެޅުއްވީ ފުނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙަންމަދު މަމްދޫހް (މަންޑޭ) އެވެ.
މަންޑޭ ވިދާޅުވި ގޮތުގައި، މިނި ދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށްޓަކައި ތަނެއް ދޮރެއް ބެލުމެއްނެތި ބޮޑެތި އިންޓްރަސްޓް ރޭޓުތަކުގައި، ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް، ރެކޯޑު އަދަދުގެ ލޯނުތައް ނަގާފައެވެ. އަދި މި ލޯނުތަކަކީ ރާއްޖެ މިހާރު ވެއްޓިފައި މިއޮތް އިޤްތިސާދީ އަނދަވަޅަށް ވެއްޓުމުގެ މައިގަނޑު ސަބަބު ކަމަށްވެސް މަމްދޫޙް ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިސާދު ވަނީ ފުނޑު ފުނޑު ކޮށްލާފައިކަމަށް ވިދާޅުވެ މަމްދޫޙް ވަނީ މިނި ދިޔަ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި އިޤްތިސާދު ހަމަމަގަށް އެޅުވުމަށް ޓަކައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މުހިންމު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް މަމްދޫޙް ވިދާޅުވިއެވެ.