އެމްޑީޕީގެ ސަރުކާރު ނިމުނުއިރު މަސްވެރިކަމުގެ މުޅި ސިނާއަށް އޮތީ އެހެލާފަ: މަންޑޭ

އެމްޑީޕީ ވެރިކަމުގައި 5 އަހަރު ހަމަކޮށް ފޭބިއިރު، މުޅި މަސްވެރިކަމުގެ ސިނާއަތް އޮތީ އެހެލާފައި ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙަންމަދު މަމްދޫހް (މަންޑޭ) ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައި ވާތީ އެމްޑީޕީގެ ފަރާތުން މަޖިލިހަށް މިއަދު ވެއްދި ކުއްލި މައްސަލައެއްގައި ވާހަކަ ދައްކަވަމުން މަންޑޭ ވިދާޅުވީ، މަޖިލިހުހެ ސުޕަ މެޖޯރިޓީއޮތް އެމްޑީޕީ ސަރުކާރުގެ 5 އަހަރު ނިންމާލި އިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަން ރުފިޔާ ނުދީ އޮތްކަމަށެއެވެ. އެވާހަކަ ދައްކަން ނުކެރި، މިއަދު 50 މިލިޔަން ރުފިޔާ މަސްވެރިންނަށް އަދި ނުދެއްކި އޮތުމުން އެވާހަކަ ދައްކައި، ކުއްލިޔަކަށް މަސްވެރިންގެ މަތިން އެބޭފުޅުން ހަނދާންވެގެން އުޅުއްވާތީ، މަސްވެރިންނާ ދޭތެރޭ އެބޭފުޅުންގެ އެއްވެސް އިޙްލާސްތެރި ނިޔަތެއް އޮތްތޯ މަންޑޭ ވަނީ ސުވާލު އުފައްދަވާފައެވެ.

ނިމި ދިޔަ އެމްޑީޕީގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ އަދި މިހާތަނަށްވެސް ފުއްދިފައި ނުވާ ބައެއް ވަޢުދުތަށް ފާހަގަކޮށް، އެ ވަޢުދުތަކުގެ ވާހަކަ އެމްޑީޕީއަށް ދައްކަން ނުކެރިގެން އުޅެނީ ކީއްވެގެންތޯވެސް މަންޑޭ ވަނީ ސުވާލު އުފައްދާފައެވެ.

މި ކުއްލި މައްސަލަ މަންޑޭ ސިފަކުރެއްވީ، މަސްވެރިންނަށް ޓަކައި އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް ފެނި، އޭގެ ސަބަބުން އަންނަން ހުރި ހެޔޮ ބަދަލުތައް އެނގި އެކަން ހަޖަމު ނުވުމުގެ ސަބަބުން، ސިޔާސީ މަންފާއެއް ހާސިލުކޮށް ގައުމު ހަލަބޮލި ކުރުމުގެ މަގުސަދުގައި އެމްޑީޕީއިން ކުރާ ކަމެއްގެ ގޮތުގައެވެ.

މަސްވެރިން ކިރުވާ މަސްކޮޅަށް ފައިސާ ނުލިބި، ގިނަދުވަސްތަކެއް ވާ މައްސަލައަކީ ހުރިހާ ސަރުކާރެއްގައިވެސް ވަރަށް ބޮޑު މައްސަލައެއް ގޮތުގައި ފާހަގަ ކޮށްލެވޭ މައްސަލައެކެއެވެ.

ލިޔުން ހިއްސާކޮށްލުމަށް