ޕޯޗުގަލް ކުއާޓާ ފައިނަލަށް!

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16ގެ މެޗުތަކުގެ ތެރެއިން، މިރޭ ސްލޮވީނިޔާ އަދި ޕޯޗުގަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޯޗުގަލުން ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރުވެސް ދެޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުކުރެވޭނެ ގޮތެއްވަނީ ނުވެފައެވެ.

ޕެނަލްޓީ ޝޫޓްއައުޓުން ޕޯޗުގަލް މޮޅުކޮށްދިނީ ކީޕަރު ޑިއޭގޯ ކޯސްޓާއެވެ. ސްލޮވީނިޔާއިން ޖެހި ތިން ޕެނަލްޓީވެސް އޭނާވަނީ މަތަކޮށްފައެވެ.

ޕޯޗުގަލްގެ ޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ގޯލު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެއެވެ. އެގޮތުން އެންމެ ފާހަގަ ކޮއްލެވެނީ އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި ޕޯޗުގަލަށް ލިބުނު ޕެނަލްޓީއެވެ. ރޮނާލްޑޯ ފޮނުވާލި މި ޕެނަލްޓީ ސްލޮވީނިޔާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މީގެ އިތުރުން އެކްޓްރާ ޓައިމްގެ ދެވަނަ ހާފުގައި ސްލޮވީނިޔާއަށް ގޯލެއް ކާމިޔާބު ކުރަން މުޅިން ހުސްކޮށް ލިބުނު ފުރުސަތުވެސް ކީޕަރު ޑިއޭގޯ ކޯސްޓާވަނީ މަތަކޮށް ނާކާމިޔާބު ކޮއްލާފައެވެ.

ޕޯޗުގަލުން މި މުބާރާތުގައި ކުއާޓާ ފައިނަލުގައި ދެން ނިކުންނާނީ ފްރާންސާ ދެކޮޅަށެއެވެ.

ލިޔުން ހިއްސާކޮށްލުމަށް