ދިވެހިރާއްޖޭގެ ރަސްމީ ފުޓުބޯޅަ ދަނޑުގެ ގޮތުގައި ޒަމާނުންސުރެ ބޭނުން ކުރަމުންއައި ގަލޮޅު ދަނޑު ތަޅާލައި، ހުޅުމާލެ ފޭސް އެކެއްގައި ތަރަށްޤީ ކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވި ގޮތުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގަލޮޅު ރަސްމީ ދަނޑު ތަރައްޤީ ކުރަން ނިންމާފައި އޮތް އޮތުން ބަދަލުކޮށް، ހުޅުމާލޭގައި ތަރައްޤީ ކުރަން ނިންމީ މުހިންމު ސަބަބުތަކެއް ހުރުމުންނެއެވެ. އޭގެ ތެރޭގައި، ސެކިއުރުޓީ މައްސަލައާއި، ޕާކިންގ އަދި ޓްރެފިކްގެ ދަތިތައް ހިމެނެއެވެ.
އިންޑިޔާ ސަރުކާރުގެ އެހީގައި އަޅާ މި ސްޓޭޑިއަމް އަކީ މަލްޓިސްޕޯޓްސް އިންޑޯ ކޮމްޕްލެކްސް އެއްގެގޮތުގައި ތަރައްޤީ ކުރާ ތަނެކެއެވެ. މި ތަނަށް ބޭނުންވާ ބިން، ހުޅުމާލެ ފޭސް އެކަކުން މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.