ހއ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރަށްޤީ ކުރާނެ ބަޔަކު ހޯދަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެތްގޮތަށް ހއ ބާރަށުގައި އީކޯ ޓުއަރިޒަމް ތައާރަފު ކުރުމުގެ ގޮތުން، އެ ރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރަށްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު އިޢުލާނެއްގައި ވާގޮތުން، މި ހޮޓާ ބާރަށުގައި ތަރަށްޤީކުރަން ނިންމާފައިވަނީ އެރަށުގައި ފަތުރުވެރިކަން ތަރަށްޤީކުރުމަށް ކަނޑައަޅާފައިވާ 71832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓުގެ ބިމުގައެވެ.

އެހެންކަމުން، މި ހޮޓާ ތަރަށްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 10:00 ގައި ޒޫމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެ، 05 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ ވުޒާރާއަށް ހާޒިރުވެ، ބީލަން ހުށައެޅުމަށް މި އިޢުލާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަދި، މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރެއް ޖެއްސެވުމަށްފަހު، ވުޒާރާގެ އީމެއިލް އެޑްރެހަށް މި ހިނގާ އޮކްޓޫބަރު މަހުގެ 27 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރުމަށް ވުޒާރާއިން ވަނީ އަންގާފައެވެ.

ލިޔުން ހިއްސާކޮށްލުމަށް