ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި، އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑައިރެކްޓަރު އަޙުމަދު ސަޢީދު މުޙަންމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާކޮށްފިއެވެ.
ސަޢީދުގެ މައްޗަށް ކުރެވެނީ، 2019 ވަނަ އަހަރު ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާއިއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، ބްލޭޒަން އިންކް ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިމުނުކަން ކަށަވަރު ކުރުމެއްނެތި، މަސައްކަތައްވާ ފައިސާ ފެނަކައިން އެ ކުންފުންޏަށް ދޫކޮށްފައިވާތީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
ސަޢީދުގެ އިތުރުން، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާ ޞާލިޙް މައްޗަށްވެސް މި ދައުވާ ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.
މި މުޢާމަލާތުގެ ސަބަބުން ފެނަކަ ކުންފުންޏަށް، 9 ލައްކަ ރުފިޔާގެ ގެއްލުން ވެފައިވާއިރު، މި ދެ ފަރާތުގެ މައްޗަށް މި ދައުވާ ސާބިތު ވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.