ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙަންމަދު ޢައްބާސް، ދާއިރާގެ ރައްޔިތުންގެ ކަންކަމުގައި ނިމިދިޔަ 2024 ވަނަ އަހަރު އެ މަނިކުފާނުގެ އަމިއްލަފުޅު ޖީބުން ޚަރަދު ކުރިގޮތުގެ ތަފްސީލުތަކެއް ހާމަ ކުރައްވައިފިއެވެ.
މީސްމީޑިޔާގައި އެ މަނިކުފާނު ޢާންމު ކުރައްވާފައިވާ މަޢުލޫމާތުގައި ވާގޮތުން، 20 ވަނަ މަޖިލިހުގެ މެންބަރަކަށް އެމަނިކުފާނު ވެވަޑައިގަތް ފަހުން މިވީ 8 މަސް ދުވަސްތެރޭ ޖުމްލަ 1،177،072ރ (އެއް މިލިޔަން އެއްލައްކަ ހަތްދިހަ ހަތްހާސް ހަތްދިހަ ދެ ރުފިޔާ) ވަނީ ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ކަންކަމުގައި ޚަރަދުކޮށްފައެވެ.
އޭގެ ތެރޭގައި، ދާއިރާގެ ތިން ރަށުގެ ރައްޔިތުން ކޮންމެ ފަނަރަ ދުވަހަކުން ޑޮކްޓަރަށް ދެއްކުމަށް ރ އަތޮޅު އުނގޫފާރަށް ދިއުމަށް ލޯންޗު ޚަރަދުގެ ގޮތުގައި ހޭދަކުރި 276،000 ރުފިޔާއާއި، ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް މާލެ އައިސް ތިބި ރައްޔިތުންނަށް ހޭދަކުރި 119،250 ރުފިޔާއާއި، ދާއިރާގެ ތިން ރަށުގެ ރައްޔިތުންގެ ތެރެއިން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރި ރައްޔިތުންނަށް ހޭދަކުރި 189،480 ރުފިޔާއާއި، ދާއިރާ ރަށްތަކުގައި ބޭވުނު ކުޅިވަރު މުބާރާތްތަކަށް ސްޕޮންސަރގެ ގޮތުގައި ހޭދަކުރި 65،000 ރުފިޔާއާއި ދާއިރާ ރަށްތަކުގެ ތަޢުލީމީ މަރުކަޒުތަކުން ހިންގި ހަރަކާތްތަކަށް ހޭދަވި 49،000 ރުފިޔާގެ އިތުރުން ދާއިރާގެ ރަށެއްގައި ބިނާކުރި ހިނަވާގެއަކަށް ހޭދަކުރި 478،342 ރުފިޔާ ހިމެނެއެވެ.
ޢައްބާސް އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި، މަޖިލިސް މެންބަރެއްގެ ގޮތުގައި 8 މަސް ވެގެން ދިޔައިރު މުޅި ޖުމްލަ މުސާރައިގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ 615،200 ރުފިޔާއެވެ.
ނަމަވެސް، މެންބަރު ދެއްވާފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި އެ މަނިކުފާނަށް މުސާރައިގެ ގޮތުގައި މިހާތަނަށް ލިބުނު ޖުމްލަ އަދަދުގެ އިތުރުން 561،872 ރުފިޔާ ވަނީ ދާއިރާގެ ރައްޔިތުންގެ އެކި އެކި ބޭނުންތަކަށް ޚަރަދު ކޮށްފައެވެ.
މެންބަރު ޢައްބާސް ހާމަކުރި މި ހިސާބުތަކާއިއެކު ބައެއް އާންމު ފަރާތްތަކުން އަންނަނީ އެ މަނިކުފާނުގެ މި ޢަމަލާއިމެދު އެމީހުން ދެކޭގޮތްތައް ހިއްސާކުރަމުންނެއެވެ. ބައެއް މީހުން މިއީ ކަލަ ގޮވުން ކަމަށް ސިފަކުރާއިރު، އަނެއްބައި މީހުން މިފަދަ ކަންކަމަކީ ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްގެ މެންޑޭޓުން ބޭރު ކަންކަން ކަމުގައި ދެކެއެވެ. އަދި ރައްރަށަށް ބޭނުންވާ ހިނަވާގެ ނުވަތަ މިސްކިތް އެޅުން ފަދަ ކަންކަން ސަރުކާރުގެ ވުޒާރާ ތަކުގެ ތެރެއިން ނުކުރުވެވުމަކީ މެންބަރުގެ ނާގާބިލު ކަމެއް ކަމުގައިވެސް ބައެއްފަރާތް ތަކުން ބުނެއެވެ.
އަދި މެންބަރުން އަމިއްލަ ފައިސާއިން ކުރާ މިފަދަ ޚަރަދުތައް ކުރުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، މެންބަރު މުސާރައިގެ އިތުރުން ޚަރަދުކުރި ރުފިޔާ ހޯއްދެވިގޮތް ސާފުކޮށްދިނުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައިކަން ފާހަގަ ކޮށްލެވެއެވެ.
މެންބަރުގެ މި ހިސާބުތައް ޢާންމުކުރުމުގެ މައިގަނޑު ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާއިރު، އެމަނިކުފާނަކީ ދާއިރާގެ މެންބަރުގެ މަސްއޫލިއްޔަތުތަށް އެނގިހުރެ، އެ ކަންކަން ފުރިހަމަޔަށް އަދާކުރަމުން އަންނަ ފަރާތެއްކަމަށް ދާއިރާގެ ރައްޔިތުން ހެކިވާނެކަމަށްވެސް ޢައްބާސް ވަނީ ފާހަގަ ކުރައްވާފައެވެ.