ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް މި ސަރުކާރުން ގެނައި އަސްކަރީ ޑްރޯންތަކާއި ބެހޭގޮތުން ސުވާލުކުރުމަށް މަޖިލިހަށް ހާޒިރުވާން ދިފާޢީ ވަޒީރު މުޙަންމަދު ޣައްސާނު މައުމޫނަށް، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ނޯޓިސް ފޮނުވައިފިއެވެ.
މި ނޯޓިސްގައި ދިފާޢީ ވަޒީރުގެ އަރިހުން ކުރާ ސުވާލުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، 570 މިލިޔަން ރުފިޔާއާއި ގާތްކުރާ އަދަދެއް ދައްކައިގެން ދިވެހި ސިފައިންގެ ޚިދުމަތުގައި ބޭނުންކުރުމަށް ދިވެހިރާއްޖެ ގެނެސްފައިވާ ޑްރޯންތަކުގެ ބޭނުންކުރަން ފަށާފައިވޭތޯ އާއި، އެ ޑްރޯންތައް މިހާތަނަށް ބޭނުންކުރެވިފައިވަނީ ކޮން ކޮން ބޭނުމަކުކަން ސާފުކޮށްދިނުމެއެވެ.
މެންބަރު މީކާއީލް މި ނޯޓިސް އެކްސްގައި ހިއްސާ ކުރައްވަމުން ފާހަގަ ކުރެއްވި ގޮތުގައި، ތުރުކީން މި ޑްރޯންތައް ގަނެގެން ގެނައި ފަހުން މިހާރު ގާތްގަނޑަކަށް އަހަރެއް ވާން ކަރިއިރި ވެފައިވާއިރު، މިހާތަނަށްވެސް މި ޑްރޯންތަކާއި ބެހޭ އެއްވެސް ޚަބަރެއް ލިބިފައި ނުވާކަމަށެއެވެ.
ދިވެހި ސިފައިން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ މަސްދޯންޏެއްވަނީ ޑްރޯންތަކުގެ އެހީގައި ހޯދާފައިކަން ފާހަގަ ކޮށްލެވެއެވެ.