ދައުލަތަށް ލިބެންޖެހޭ ނަމަވެސް ނުލިބި ހުރި ބިލިޔަނެއްހާ ރުފިޔާ ހޯދައިފި!

ދަޢުލަތައް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތައް ދެނެގަނެ، އެ ފައިސާ ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، 4 މަސްދުވަސް ތެރޭގައި ބިލިޔަނެއްހައި ރުފިޔާ ހޯދިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ ވިސާ ފީ، ވޯކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.

އެގޮތުން، މިއަހަރުގެ ޖޫން މަހު މި ފައިސާ ހޯދުމުގެ މަސައްކަތް ފަށައިގަތް އިރު ނުލިބި 1.7 ބިލިޔަން ރުފިޔާ ހުރިނަމަވެސް، މިހާރު މި އަދަދު ވަނީ 703 މިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިފަދަ މިފަދަ ދައުލަތައް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކަށް ސަރުކާރުގެ ވުޒާރާތަކުން ދޭ ޚިދުމަތް މަދުކަނޑާލެވިފައި ވާނެކަމާއި، މި ޚިދުމަތްތައް އަލުން އެފަރާތަކަށް ދޭން ފަށާނީ ދައުލަތައް އެފަރާތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުންކަމަށްވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ލިޔުން ހިއްސާކޮށްލުމަށް