އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން %50 ނުނަގާ ގޮތައް ނިންމައި، ދައުލަތުގެ ވެރިންނާއި ސިޔާސީ މުވައްޒަފުން މުސާރަތައް ކުޑަކުރަން ރައީސް މިއަދު ނިންމަވައިފިއެވެ.
އެގޮތުން، ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުން، ޝަރުޢީ ދާއިރާގެ އިސްވެރިން، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އަދި ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށް ނިންމެވިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނެ މުސާރައަކީ 90،000 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނު ކުރައްވާފައެވެ.
ނަމަވެސް، 12000 ރުފިޔާއިން ދަށުން މުސާރަލިބޭ ފަރާތްތައް މިކަމުން އިސްތިސްނާވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތައް ކުރިޔަށް އޮތް 2 އަހަރު ދުވަހަށް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.