ފަލަސްތީނަށް އެހީވުމަށް ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ އޯގަސްޓު މަހު ވަނީ ފޮނުވާފަ: ޚާރިޖީ ވުޒާރާ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އިރުޝާދުގެ  ދަށުން ”ފަލަސްތީނާއެކު ދިވެހިން“ ނަމުގައި ދަޢުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށް، މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިޔަށް ގެންދެވުނު ޓެލެޓޯނުން ލިބުނު 19 މިލިޔަނަށް ވުރެ ގިނަ ރުފިޔާ، މިދިޔަ އޯގަސްޓު މަހު 20 ވަނަ ދުވަހު ފޮނުވާފައިވާކަމަށް ޚާޒިޖީ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން، ޓެލެތޯނުން ލިބުނު ޖުމްލަ އަދަދަކީ، 1،248،826.56$ (އެއް މިލިޔަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައްބީސް ޑޮލަރު، ފަންސާސް ހަ ސެންޓް) އެވެ. އަދި މި އަދަދަކީ މި ޓެލެތޯނު އޮޑިޓު ކުރި އޮޑިޓް ފާމް ކަމަށްވާ ’ކްރޯވ މޯލްޑިވްސް LLP‘ އިން ކަށަވަރު ކޮށްދީފައިވާ އަދަދެއްކަންވެސް އެ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި ފައިސާ ވަނީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމާޢަތެއް ކަމަށްވާ ’އަންރުވާ‘ އާއި ނިމިދިޔަ އޯގަސްޓު މަހު 20 ވަނަ ދުވަހު ހަވާލުކޮށްފައި ކަމާއި، ދިވެހި ސަރުކާރުން މިހާރު ދަނީ މި ފައިސާ ޚަރަދު ކުރާނެ ކުރު އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި  ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އެ ޖަމާޢަތާއިއެކު މަޝްވަރާ ކުރަމުން ކަމަށް މި ނޫސްބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު މި ނޫސްބަޔާނާއި އެކު، ރާއްޖޭގެ މަރުކަޒީ ބޭންކު MMA އިން ’އަންރުވާ‘ އަށް ފައިސާ ޖަމާކުރިކަމުގެ ކޮޕީ އަކާއި، ”އަންރުވާ ފޯ ފަލަސްތީން“ ގެ އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާ ކަން ކަށަވަރުކޮށްދީ ޖޭ.ޕީ މޯގަން ބޭންކުން ދީފައިވާ މި މުޢާމަލާތުގެ ތަފްސީލު ހިމެނޭ ލިޔެކިޔުމެއްވެސް ވަނީ ހާމަކޮށްފައެވެ.

ލިޔުން ހިއްސާކޮށްލުމަށް