ސިއްރުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގަނެފި!

އޮޅުވާލައިގެން ރާއްޖެ އެތެރެކުރި މިލިޔަނަކަށް ވުރެ ގިނަ ސިނގިރޭޓު ސިޓިކް އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން މަޢުލޫމާތު ދީފިއެވެ.

ކަސްޓަމުން މަޢުލޫމާތު ދިން ގޮތުގައި، މިއީ ”އެމްޓީ ހޯކްސް ޖަވާހިރު“ ނަމަކަށް ކިޔާ ބޯޓެއްގައި ގިނަ އަދަދަކަށް ސިނގިރޭޓު ޤަވާއިދާ ޚިލާފަށް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގުނު ހާއްސަ އޮޕަރޭޝަނެކެއެވެ.

އެގޮތުން، ކޯޓު އަމުރެއްގެ ދަށުން ތިލަފުށީގައި ހުންނަ ”ހޯކްސް ބޯޓްޔާޑް“ބަލައި ފާސްކޮށް، ”މެންޗެސްޓާ “ ނަމަކަށް ކިޔާ ބްރޭންޑެއްގެ 84،500 ފޮށި ސިނގިރޭޓު މިހާތަނަށް ހޯދިފައިވާ ކަމަށް ކަސްޓަމުން ވަނީ ހާމަކޮށްފައެވެ.

’ހޯކްސް‘ އަކީ ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކޮށް ވިއްކާ ކުންފުންޏެކެއެވެ. މި ކުންފުނީގެ ބޯޓެއްގައި ޤަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކޮށްފައި މި ވަނީ ސަރުކާރުން ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

ލިޔުން ހިއްސާކޮށްލުމަށް