މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށްފި!

މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ”މިސް ޔުނިވާސް“ މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ، އެއީ ރާއްޖެ ތަމްސީލުކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއް ކަމަށް ދޭހަވާގޮތަށް އާންމުވަމުން ދާ ޚަބަރުތަކަކީ، ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ބުނެ، މި މުބާރާތުގައި ދިވެއްސަކު ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޒުވާނުންގެ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން، ދިވެހިންގެ ދީނާއި، އަޤީދާ އަދި ޘަޤާފަތާއި ނުގުޅޭ ޙަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި، އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫނެއެވެ.

އަދި، އެފަދަ މުބާރާތްތަކާއި ޙަރަކާތްތަކަކީ ދިވެހިން ޤަބޫލުކުރާ އާންމު އަޚުލާގީ މިންގަނޑުތަކާއި އުޞޫލުތަކާވެސް ޚިލާފު ކަންތައްތަކެއް ކަން ފާހަގަކޮށް، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ޙަރަކާތަށް ދިޔުން ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެ ޙަރަކާތުގައި ބައިވެރިވުމަށް މަސައްކަތްކުރާ ފަރާތުން އެކަން ހުއްޓާލުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މިފަދަ މުބާރާތްތަކާއި ޙަރަކާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާނޭ ކަމަކަށް ނުވާއިރު، އެއީ ސަރުކާރުން ކުރުވާ ކަމެއްކަން ދޭހަވާގޮތައް މަޢުލޫމާތު ނުފެތުރުމަށާއި، އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް ދިވެހި ސަރުކާރުންވަނީ ގޮވާލާފައެވެ.

ލިޔުން ހިއްސާކޮށްލުމަށް