އަންނަ އަހަރު ރާއްޖޭގައި 27000 ހައުސިން ޔުނިޓު އަޅަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް، ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ޖުމްލަ 27000 އަށް ވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުޙަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، މާލޭ ސަރަހައްދުގައި 15000 އަދި އަތޮޅު ތެރޭގައި 12940 ޔުނިޓާއިއެކު ޖުމްލަ 27000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަންނަ އަހަރު އެޅުމަށް ވަނީ ނިންމާފައެވެ.

އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށް ސިފަކުރައްވަމުން ރައީސް ފާހަގަ ކުރެއްވި ގޮތުގައި، މި ބަޖެޓުގައި ގެދޮރު ބިނާކުރަން އެކަނިވެސް 1.5 ބިލިޔަން ރުފިޔާ ކަނޑަޅާފައިވާނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެންމެ ކުޑަ އާބާދީގެ ރަށްތަކުގެ ރައްޔިތުންނަށްވެސް ނެގޭނެހެން، ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެފަރާތްތަކުގެ ގެދޮރު އިމާރާތްކުރުމަށް އިސްލާމިކް އުސޫލުގެ ތެރެއިން %5 ގެ ސަރވިސް ޗާޖެއްގައި ލޯނު ދޫކުރުމަށް 1 ބިލިޔަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާނެ ކަމަށްވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ގެދޮރުވެރިކަމުގެ މައްސަލައަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކަށް ވީއިރު، އަދުގެ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް 2.5 ބިލިޔަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވުމަކީ ބޯހިޔާވަހިކަމުގެ މި މައްސަލައަށް ރަނގަޅު ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް ގިނަފަރާތްތަކުން އަންނަނީ ބުނަމުންކަން ފާހަގަކޮށްލެވެއެވެ.

ލިޔުން ހިއްސާކޮށްލުމަށް