ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް 2 މިލިޔަނަށް؛ ހޫނު މަރުޙަބާއެއް ކިޔައިފި!

އަހަރެއްތެރޭ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ފުރަތަމަ ފަހަރަށް ދެ މިލިޔަނަށް މިއަދު އެރިއިރު، އެކަން ފާހަގަ ކުރުމުގެ ގޮތުން ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ދެ މިލިޔަން ވަނައަށް ރާއްޖެ އައިސްފައިވަނީ އޮސްޓްރިއާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެއެވެ. ފިރިމީހާ އަދި ދެ ކުދިންނާއެކު އައި މި ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބުރާހިމް ފައިސަލް ހިމެނޭހެން ސަރުކާރުގެ ބައެއް އިސްވެރިންނާއިއެކު ވަނީ ޙާއްސަ ޙަފްލާއެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބާއްވާފައެވެ.

މި ޙަފްލާގައި އެ ޢާއިލާއަށް ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުގެ އިތުރުން، ސަރުކާރު އެކި ކުންފުނި ތަކާއި މުއައްސަސާތަކުންވެސް ވަނީ އެކި އެކި ޙާއްސަ ހަދިޔާ ދީފައެވެ.

ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ރޮނގުން ތާރީޚީ ކާމިޔާބީއެއް މިއަދު ހޯދިއިރު، މި އަދަދު އިތުރުކޮށް އަންނަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެންނައުމުގެ އަމާޒެއް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

ލިޔުން ހިއްސާކޮށްލުމަށް