ށ.ފުނަދޫ ދާއިރާ އެމް.ޑީ.ޕީ ޓިކެޓް އިލްހާމް އަޙުމަދަށް އަރުވައިފިއެވެ. އެ ޓިކެޓް އިލްހާމަށް ލިބިވަޑައިގަތީ ފުނަދޫ ދާއިރާ މިހާރުވެސް ތަމްސީލުކުރަމުންދާ މެންބަރު މުޙަންމަދު ޝާހިދު އެ ޓިކެޓް ދޫކޮށްލުމުންކަމަށް ބެލެވެއެވެ
އިލްހާމް އަކީ 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޙާބުގައި ގެމަނަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި، އެ ދާއިރާ 2014 ވަނަ އަހަރާއި ހިސާބަށް ތަމްސީލު ކުރެއްވި މެންބަރެއެވެ. އޭގެފަހުން 18 ވަނަ މަޖިލިހުގެ ދަނގެތި ދާއިރާ މެންބަރުކަންވެސް ވަނީ ކުރައްވަވާފައެވެ. މީގެއިތުރުން އިލްހާމަކީ ސަރުކާރު މަތީ ފަންތީގެ އެހެން މަޤާމުތައްވެސް ފުރުއްވެވި ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ
ފުނަދޫ، މާއުނގޫދޫ އަދި ޅައިމަގު ހިމެނޭ މި ދާއިރާގައި އެހެން ދައުރުތަކޭވެސް އެއްފަދައިން މިފަހަރުވެސް މިވަނީ ވަރަށް ގިނަ ބޭފުޅުން ކުރިމަތި ލައްވަވާފައެވެ. 5 ޕާޓީ އިން 5 ކެނޑިޑޭޓަކު ކުރިމަތި ލާފައިވާއިރު، މިދާއިރާ މިހާރު ތަމްސީލުކުރައްވަމުން ގެންދަވަނީ އެމް.ޑީ.ޕީ މެންބަރެކެއެވެ. އަބަދުވެސް ސިޔާސީ ފޯރިގަދަ މި ދާއިރާގައި ވާދަވެރި އިންތިޙާބެއް މިހަފަރުވެސް އޮންނާނެކަމަށް ބެލެވެއެވެ